ދިގު މުއްދަތަކަށް ބަންދުކުރާ ކުދިންގެ މަރުކަޒު ހުޅުވައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ގާއިމުކުރި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވައިފި އެވެ.

ހިންމަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ.

މި ފެސިލިޓީއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާނޫނުން ލާޒިމުކުރާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ހާއްސަކޮށް ގާއިމުކުރި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ޖެނުއަރީ 30، 2022 ގައި ހުޅުވާފަ އެވެ.

ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީގައި ތިބޭ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިން އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިން ދިނުމާއި ލައިފް ސްކިލްސް ކިޔަވައިދެ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމު ކުރާ މަރުކަޒުތަކުގެ ތެރެއިން ގާއިމު ނުވެ އޮތް ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޒު ކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *