ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ޖާފަތެއް ދެއްވައިފި އެވެ.
މިޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަޠީފާއި ސްރީލަންކާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައި ކޮމިޝަނާ ތިމުތު ޑިސާނާ އެކަގެ އިތުރުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ރާއްޖެއަށް މިވަގުތު ޒިޔާރަތް ކުރައްވަމުން ގެންދަވާ ސްރީލަންކާ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ސްރީލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 26، 1965 ގައެވެ. އަދި މިއަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރެވެ.




