މީކާއިލްގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލްގެ ނަން އިއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ޖަވާބު ނުދެއްވުމުން އެކަން ފާހަގަކޮށް މީކާއީލް ނުރުހުންފާޅު ކުރުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހަލީލް ހާޒިރުކުރީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވި "ޕްރިންސް" ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ ގޮތުން މީކާއީލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ވަޒީރާ އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މީކާއިލް ވިދާޅުވީ ސައުދީ އަރަބިއްޔާގައި "ހިޒް ރޯޔަލް ހައިނަސް" ގެ ލަގަބު އަރުވަނީ ރަސްގެފާނު އަބްދުލްއަޒީޒްގެ ދަރިންނާއި ކާފަ ދަރިންނަށް ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި "ހިޒް ރޯޔަލް ހައިނަސް" ގެ ލަގަބު އަރުވާ ޕްރިންސް ފަހަދް ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ލިޔުނު ހަބަރު ނަގާފައިވާކަން ފާހަގަކޮށް ސަރުކާރުން އެކަންކުރީ ގޯސްކޮށްތޯ ގަބޫލުކުރައްވާތޯ މެންބަރު މީކާއީލް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ މިނިސްޓަރު ހަލީލް ވަނީ ފަހަދް އަކީ ސައުދީގެ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ އިންވެސްޓަރުންނާމެދު އިދިކޮޅުން ދިމާކޮށް އަގު ވައްޓާޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް އެހެން ވިދާޅުވުމުން މީކާއީލް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ މެންބަރުގެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ކުރި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދެއްވާ މިނިސްޓަރު ބޭނުންހާ ބަހަނާއެއް ދައްކަވަނީ. އިއްޒަތްތެރި ރައީސް ހަމަ ތި ހުންނަވަނީ. އަޅުގަނޑުގެ ސުވާލަކީ ސަރުކާރުން އެކަން ގޯސްކޮށް ކުރި ކަމަށް މިނިސްޓަރު ގަބޫލުފުޅު ކުރައްވަންތޯ؟ ރައީސް އޮފީހުގެ ވެބްްސައިޓުން އެ ހަބަރު ޑިލީޓް ކުރެއްވީ ކީއްވެތޯ؟" މީކާއީލް ވިދާޅުވި އެވެ.

މީކާއިޅް އެހެން ވިދާޅުވުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުގެ ސުވާލަށް ވަޒީރު ޖަވާބު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މަޖިލީހުގެ ރިޔާސަތުން ގަބޫލުކުރަނީ ޖަވާބު ދެއްވައިފި ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވުމުން މީކާއީލް ވަނީ ނުރުހުންފާޅު ކުރައްވާފަ އެވެ. މެންބަރު މީކާއީލް ނުރުހުންފާޅު ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެ މީކާއީލްގެ ނަން އިއްވާ ވަނީ މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *