އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް، ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރިކުރި ވާހަކަ ޝަހީމް ދޮގުކުރައްވައިފި އެވެ.
ޝަހީމް، އޭނާގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަދެއްކެވީ މާހިލް ރާއްޖެ އައި އިރު ހަށިގަނޑުގައި ވޭޕް ސްޓިކްތަކެއް ބަނދެގެން އެތެރެކުރި ކަމަށް ބުނެ މިރޭ ބައެއް ނޫސްތަކުގައި ގެނައި ހަބަރަކާ ގުޅިގެންނެވެ.
ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުގައިވާ ގޮތުން މާހިލް އަކީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއްވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ނޫސްތަކުގައިވާ ޚަބަރުތައް ދޮގުކުރައްވަމުން ޝަހީމް މިރޭ ވިދާޅުވީ މާހިލްގެ ގައިގައި ވޭޕް ސާމާނު ބަނދެގެން އެތެރި ކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
މާހިލް އަކީ މެލޭޝިއާ އެމްބަސީގައި ވަޒީފާ އަދާކުރާ ކުއްޖެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އެހެންވެ ޝަހީމް ވަނީ ނޫސްތަކުގައި ގޯސްކޮށް ލިޔެފައިވާ ޚަބަރުތައް ރަނގަޅު ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.




