އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމު އަދި ނައިބް މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ކޮމިޓީ އެކުލަވާލަނީ މަޖިލީހުގެ މާލިއްޔާތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް 22 މެންބަރުންގެ މައްޗަށެވެ.
ސަލީމަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. ފަޒާދުއަކީ އިގްތިސާދީ ކޮމިޓީގެ މުގައްރިރެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 64.2 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ކޮމިޓީން ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމުމަށް ސުންގަޑި ކަނޑައަޅާފަ އެވެ.
ބަޖެޓް ކޮމިޓީއަސް ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ހާޒިރުކުރަންވެސް ކޮމިޓީގައި މިއަދު މަޝްވަރާކޮށްފައިވެ އެވެ.




