ދިރާގުން އެ ކުންފުނީގެ 3 ވަނަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފި އެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ހާސިލުކޮށްފައިވާ އިތުރު ލަނޑުދަނޑިއެކެވެ.
ވެލިދޫގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޑޭޓާ ސެންޓަރު ހުޅުވައި ދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އާއި ނ. ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިން އެވެ.
ދިރާގުން ބުނި ގޮތުގައި މި ޓިއާ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.
މި ޑޭޓާ ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓާ ރައްކާތެރިކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ. މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފަ އެވެ.
މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑެވެ.
މި ކާމިޔާބީއާ އެކު ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ފައިތިލަ ސާބިތުކޮށް، އެ ކުންފުނިން ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.




