ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދެ ޓާމިނަލްގައިވެސް އީ ގޭޓުތައް ހަރުކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑާ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް — ޖުމްލަ 20 ގޭޓް ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައިވެސް އަންނަ އަހަރު މިފަދަ އީގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށާނެ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.




