ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ އާއި އިންވެސްޓްމެންޓަށް ކުރި ހޭދައާއެކު މި އަހަރު ދައުލަތުގެ ހަރަދު 43 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދައާއެކު ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 43.8 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 43.5 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް މި އަހަރު 4.4 ބިލިއަން ރުފިޔާ، އިންވެސްޓްމަންޓްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދި ލެންޑިންގްސްގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 29.1 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 28.8 ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު 12 ބިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދު ހުރީ 17.3 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ކެޕިޓަލް ހަރަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދު ހުރީ 10.5 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު މި އަދަދު ހުރީ 4.8 ބިލިއަން ރުފިޔާގަ އެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް — ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރުގެ މިހާތަނަށް 6.9 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި ހޭދައަކީ 9.3 ބިލިއަން ރުފިޔާ އެވެ.




