އުރީދޫ މޯލްޑިވްސްއިން މި އަހަރަށް ތައްޔާރުކުރި ކަލަންޑަރުގައި މި ޑިސެމްބަރު މަހަށް ހާއްސަކޮށްފައިވާ އޭއައި ކެރެކްޓާ ކުއްޅަވަށްފަލު ރަނިންއާ މިހާރު ޗެޓްކޮށްލެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ކަލަންޑަރުގެ ބިނާކޮށްފައިވަނީ ދިވެހި ފޯކްލޯރު ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަދެކެވޭ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.
ކުއްޅަވަށްފަލު ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެންކުއްޖެކެވެ. ރަސްމީ ދަތުރުފުޅެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނި ބައްލަވައިގެން އެކުއްޖާ ގެންދެވި އެވެ.
ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ ކޯޗެއްކަންވެސް ހަނދާންނެތި ދިޔަ އެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލި އެވެ. އަދި އޭނާއަށް އެތަނުގައި ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ.
މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ. އެ ގޮތުން އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ އެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އުރީދޫ އިން ވަނީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި ބައިވެރިވެ ކުރީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ،
އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް މިހާރު ކެރެކްޓާތަކާ ވާހަކަ ދައްކާލެވޭނެ އެވެ.




