ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ފަތުރުވެރިންނަށާއި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް އަދި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތްދޭ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެ އެވެ. މީގެ އިތުރުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލަން ޖެހޭއިރު ދިވެހިންނަށްވެސް ދަތުރުފަތުރުގެ ހިދުމަތް ދޭން ޖެހެ އެވެ.

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހެ އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ފަށަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ހިދުމަތުގައި ބޭނުންކުރާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރަށް ވާންޖެހޭއިރު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މީގެ ކުރިންވެސް އިއުލާނުކުރި އެވެ. އޭރު ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 36 ކުންފުނިން ޝައުގުވެރިކަން ފާޅުކުރި އެވެ.

ނަމަވެސް ސާޗް އެންޑް ރެސްކިޔު އާއި އަދި މެޑިކަލް އިވެކުއޭޝަންއަށް ހިލޭ އެހީގެ ގޮތުގައި ނަގާ ބައި ބޮޑުކަމަށް ހުރިހާ ފަރާތްތަކުންވެސް ބުނެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *