އާންމު މުދަލުގެ އަގުތައް މިދިޔަ އަހަރުގެ ތެރޭގައި 0.95 ޕަސެންޓު މަތިވެއްޖެ އެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިޔުރޯ (އެމްބީއެސް)ގެ އީސީޕީއައި އިންޑެކްސް ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ނިމިގެން ދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މުދަލުގެ އަގު ވަނީ ޖުމްލަކޮށް 0.95 ޕަސެންޓް މަތިވެފަ އެވެ.
އަގުތައް އެންމެ ބޮޑަށް މަތިވި ތަކެތީގެ ތެރެއިން ޕާސަނަލް ކެއާ ސާމާނުން 4.48 ޕަސެންޓް، ބުއިންތަކުން 2.45 ޕަސެންޓް އަދި ކާތަކެތީގެ ބައިން 0.43 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.
އެ މުއްދަތުގެ ތެރޭގައި އަގަށް ހެޔޮ ބަދަލެއް އައީ ހަމައެކަނި ތެލާއި ގޭހުގެ އަގުތަކަށެވެ. އެގޮތުން ތެލާއި ގޭހުގެ އަގުން ވަނީ 1.02 ޕަސެންޓް ދަށްވެފަ އެވެ.
ކާބޯތަކެތީގެ ތެރޭގައި ބަލައި ހަކުރާއި ޖޭމު، ޗޮކްލެޓުގެ އަގުތައް 4.67 ޕަސެންޓް، ކިރާއި ބިސް 2.79 ޕަސެންޓް އަދި ކައްކާ ތެލުގެ އަގު 4.58 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.
އީސީޕީއައި އަކީ އަސާސީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭ އިންޑެކްސް ނުވަތަ މިންގަނޑެކެވެ.
އީސީޕީއައި ކަނޑައަޅަނީ 2،500 އަށް ވުރެ ގިނަ ވިޔަފާރިތަކުން 96 ބާވަތެއްގެ މުދަލުގެ އަގަށް އަންނަ ބަދަލުތައް ބަލައިގެންނެވެ.




