ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރާ "ސްޕޯޓްސް ޕާކު" ގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމުކުރާ މި ޕާކުގެ ބިންގާ އެޅީ އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރެވޭ ޕާކެކެވެ.
މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީން ބުނީ އަންނަ އެޕްރީލް މަހުގެ ނިޔަލަށް މަޝްރޫއު އެއްކޮށް ނިންމުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.
ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް އިސްކަންދީގެން ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.
މި މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.




