މަޖިލީހުގެ ނައިބުރައީސް ކަމަށް ވާދަކުރައްވަނީ ސަލީމް އާއި ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުކުރުން އެޖެންޑާކޮށްފަ އެވެ.

އެ ގޮތުން މަޖިލީހުގެ ނައިބުރައީސް ކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

ފަލާހުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މަޖިލީހުގެ ނައިބުރައީސް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.

ޢަބްދުލްޣަފޫރު މޫސާގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އެވެ.

މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވޯޓު ގުނުމަށް އެކުލަވާލެއްވި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *