ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރުމަށް މިއަދުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ނައިބުރައީސަކަށް ސަލީމް އައްޔަން ކުރަން ފެންނަ ކަމަށް 62 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ނައިބުރައީސް ކަމަށް ދެން ވާދަ ކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށް ލިބިލެއްވީ 10 ވޯޓެވެ.
މީގެ އިތުރުން ދެ ވޯޓެއް ބާތިލު ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މިއަދާ ހަމައަށް އައި ކޮންމެ ރައްޔިތުންގެ މަޖިލީހެއްގައި ހިމެނިވަޑައިގެންނެވި މެންބަރެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަލީމަކީ މަޖިލީހުގެ ތަޖުރިބާ ވަރަށް މުއްސަނދި ބޭފުޅެއް ކަމަށެވެ.
"މިހާރު އެމަނިކުފާނު ހޭދަ ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ދައުރު. ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ވަރަށް މުއްސަނދި ބޭފުޅަކަށް ސަލީމް ވެވަޑައިގަންނަވާނީ. އެހެންވީމާ އަޅުގަނޑު ޔަގީން ކުރަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާގެ އަލީގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި މަޖިލީހަށާއި ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށް ދެއްވާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.




