ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވާތީ ޗައިނާގެ ކަމާ ގުޅޭ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބެލުމަށް އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ މަގުތަކުގެ ހާލަތު ބެލުމަށްފަހު ޗައިނާގެ ޓީމުން މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މީގެކުރިން ވިދާޅުވީ ޗައިނާގެ ޓީމަކުން ރާއްޖެ އައިސް މަގުތައް ޑިޒައިން ކުރުމާއެކު އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ޗައިނާ ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން ސޮއި ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެކެވެ. ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ސިނަމާލެ ބްރިޖަކީވެސް ޗައިނާ ސަރުކާރުން ހަދައިދީފައިވާ ބްރިޖެކެވެ. އެ މަޝްރޫއަށް ދިވެހި ސަރުކާރުން ބޮޑު ހޭދައެއް ކުރިއިރު ބްރިޖު އަޅައިދިނީ ޗައިނާގެ މަސައްކަތްތެރިން ރާއްޖެ އައިސްގެންނެވެ.




