ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ސަރުކާރުގެ ފައިސާ ހަރަދުކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އަޅުގަނޑު މި މަގާމަށް ހޮވިގެން މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި އަޅުގަނޑު އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައި ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ޗުއްޓީ ދަތުރުތަކުގައިވެސް ރައީސް އޮފީހުގެ މުވައްޒަފަކު ރައީސް އޮފީހުގެ ޕްރިންޓަރާއި ސްކޭނަރު ފަދަ ތަކެތި ހިފައިގެން ދަތުރުކުރާ ކަމަށާއި ރައީސް އޮފީހުން ފޮނުވާ ލިޔުންތަކުގައި ޗުއްޓީގައި ހުންނަވައިގެންވެސް ސޮއި ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ކުއްޖާގެ ހަރަދުވެސް ބައެއް ފަހަރު ހުންނާނެ އަޅުގަނޑު އަމިއްލައަށް ކޮށްފަ. ރައީސް އޮފީހުގެ ބޭފުޅުން ވިދާޅުވޭ ތިހެން ނަހައްދަވާށޭ ތިއީ މިތާނގައި ދުވަހަކުވެސް ކުރިކަމެއް ނޫނޭ ތިއީކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޗުއްޓީ ދަތުރުތަކަށް ސަރުކާރުން ހޭދަ ކުރުމަކީ އެމަނިކުފާނަށް ގާނޫނުން ލިބޭ އިނާޔަތެއް ކަމަށާއި ކުރީގެ ރައީސުން މިހާރުވެސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ސަރުކާރުން ހޭދަ ކުރައްވާ ކަމަށެވެ.




