ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނގު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށެވެ.
އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މާލެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ރައީސް ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފަ އެވެ.
މި ބަދަލާއެކު ބަނދަރުގެ ހިދުމަތްތައް ފެށުމުން މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސް ކުރެވޭނެ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.




