ކަނޑުމަތީ ދަތުރުފަތުރުގެ ގޮތުން ބަލާއިރު ދިވެހިރާއްޖެ އޮތީ ވަރަށް ރަނގަޅު ލޮކޭޝަނެއްގައިކަމުން ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުން އައްޑޫގައި ވެސް ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ޖެހޭ ކަމަށް 2028 ވަނަ އަހަރު އަމިއްލަ ގޮތުން ރައީސް ކަމަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ޖެހޭ ސަބަބުތަކަށް އިޝާރަތް ކުރައްވާ އުމަރު ވިދާޅުވީ އެއީ ގިނަ އަދަދަކަށް އާގު ބޯޓު ފަހަރު ހުރަސްކުރާ ސަރަހައްދުތަކެއްކަމުން އޭގެ އެޑްވާންޓޭޖް ދިވެހިން ނަގަން ޖެހޭ ކަމަށެވެ.
ޖިއޮގްރަފިކަލީ ގޮތުން ރާއްޖެ އޮތީ މިކަމަށް ވަރަށް ރަނގަޅު ލޮކޭޝަނެއްގައިކަމުން މިކަމުގެ މޮޅު ހޯދަން ހުރިހާ ސަރުކާރުތަކަކުން ވެސް މަސައްކަތް ކުރާކަމަށާއި އެހެންނަމަވެސް އެއްވެސް ލީޑަރަކަށް މިކަން ކުރެވޭ ހިސާބަށް ނުގެންދެވެނީ މިކަމަށް ހުރަސް އަޅާ ބައިވަރު އެހެން "ޕްލެޔަރުން" އުޅެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް އެ ހުރަސް އަޅާ "ޕްލެޔަރުން" ނަކީ ކޮންބައެއްކަން އުމަރު ތަފުސީލުކޮށް ދެއްވާފައެއް ނުވެ އެވެ.
އެކްސް މެދުވެރިކޮށް މިއަދު އުމަރު އާންމު ކުރެއްވި ޓްވީޓެއްގައި އަލިއަޅުވާލައްވާފައި ވަނީ މެރިޓައިމް ދާއިރާއިން ރާއްޖޭގެ އެންމެ އުތުރާއި ޢެންމެ ދެކުނަށް ތަރައްގިގެ އިންގިލާބެއް ގެނުވާނެ މުޅިން އާ މިސްރާބަކަށެވެ.




