"ފްރެންޑް 4″ ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

"ފްރެންޑް 4″ ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދޯނި އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު އެންމެ އިސްކަމެއް ދެނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށް. މިހާރު ކުރިއަށްދާ ސާޗް އޮޕަރޭޝަނަށާއި، އަޑިއަށްދިޔަ އުޅަނދާ ގުޅޭ ކަންކަމުގައި އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ބޭރުގެ ގައުމުތަކާއެކު ދަނީ މަޝްވަރާ ކުރެވެމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުން ގެންދާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

"ފްރެންޑް 4″ ދިޔަވެ އަޑިއަށް ގޮސްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެވެ.

މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު އަލީ ނާފިއު (33އ) އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު (39އ) އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އެވެ.

އެމްއެންޑީއެފުން އެންމެފަހުން ހާމަކުރި ގޮތުގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *