ހދ. ހިރިމަރަދޫ ފަޅުކުރުމުގެ ގަރާރު ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލެއް އިންތިހާބުކުރަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޑީޕީން މިކަމަށް ގޮވާލީ ހިރިމަރަދޫ ފަޅުކުރުމުން އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ޕާޓީގެ ލާމަރުކަޒީ ކޮމެޓީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ ހިރިމަރަދޫ ފަޅު ރަށެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އެ ގޮތުން މިއީ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ހަނިމާދޫގެ މެޖޯރިޓީ ހޯދުމަށްޓަކައި ހިރިމަރަދޫގެ ރައްޔިތުންގެ ވޯޓު ހޯދަން ކުރި ކަމެއް ކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލް އިންތިހާބުގައި ހަނިމާދޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ހިރިމަރަދޫގައި މިހާރުވެސް 300 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އެ ރަށުގެ ބެލެނިވެރި ފަރާތަކީ ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރުގައި ކަނޑައަޅުއްވާފައި ވީނަމަވެސް އެކަން އެ ގޮތަށް ނުހިނގާ ކަމަށެވެ.
ނިޔާޒް ވަނީ ރައީސްގެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި ކައުންސިލެއް އުފައްދަވާ އެ ރަށުގައި ކައުންސިލް އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
"އެ ގޮތަށް ނުވާކަމަށްވާނަމަ ގަރާރުގައި ބުނެފައި އޮތް ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ގެންގޮސް އާބާދުކޮށް އެ މީހުންނަށް ބޭނުންވާ 180 އަށްވުރެ ގިނަ ހައުސިން ޔުނިޓްތައް ހަނިމާދޫގައި އަޅައި ނިންމާ އެ މީހުން އެތަނަށް ބަދަލުކުރުން،" ނިޔާޒް ވިދާޅުވި އެވެ.
އެ މުއްދަތުގައި އެކަން ނުވާނެކަން ޔަގީން ކަމަށް ވިދާޅުވެ ނިޔާޒް ސަބަބެއްގެ ފާހަގަކުރެއްވީ އެކަމަށް ބޭނުންވާ ބިން ސާފުނުކުރެވި އޮތުމެވެ. އެހެންވެ، 18 މަސް ދުވަސް ތެރެއިން ބާކީ އޮތް މުއްދަތުގައި އެކަން ނުވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އެހެންވެ ހިރިމަރަދޫގައި އަލުން ކައުންސިލެއް އުފެއްދުމަކީ އެންމެ ރަނގަޅު ހައްލު ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ހދ. ހިރިމަރަދޫ ކައުންސިލް އުވާލެއްވީ ރައީސް މުއިއްޒުގެ ގަރާރަކުން މި އަހަރުގެ މޭ މަހު އެވެ.
އެ ގޮތުން ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވުމުން ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާ ވެސް ވަނީ އުވާލައްވާފަ އެވެ.




