ސައުދީގެ ތިން ސިޓީއަކަށް ހޫތީން ހަމަލާދީފި

ޔަމަނުގެ ބޮޑު ސަރަހައްދެއްގެ ބާރުވެރިކަން ހޯދައިގެން އުޅޭ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ތިން ސިޓީއަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ހޫތީ ހަނގުރާމަވެރިންނަކީ އިރާންގެ މަދަދާއި އެހީތެރިކަން ލިބޭ ޖަމާއަތެއް ކަމަށް ސައުދީއާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.

ސައުދީ ސަރުކާރުން ބުނީ ހޫތީ ހަނގުރާމަވެރިން ސައުދީގެ އުމްރާނީ ވަސީލަތްތަކަށާއި އަގުބޮޑު މުދަލުގެ ގޮތުގައި ދެކޭ ތަންތަނަށް މެދުނުކެނޑި ހަމަލާ ދެމުންދާ ކަމަށެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރަށް ތާއީދުކުރާ ސައުދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ ހޫތީން ހަމަލާދީފައިވަނީ ސައުދީގެ ހަމީސް މުޝައިތް، އަބްހާ އަދި ޖާޒާންއަށް ކަމަށެވެ.

މާލިކީ ވިދާޅުވީ މެދުނުކެނޑި ދެމުންދާ ހަމަލާތަކުން ހާމަވަނީ ހޫތީންގެ ހަރުކަށި ފިކުރު ކަމަށެވެ. އެއީ ހަމަޖެހުން ނަގާލައި، ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އެމީހުން ގެންގުޅޭ އުސޫލެއް ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

ސައުދީ އަރަބިއްޔާގެ ސިޔާދަތާއި، އަގުބޮޑު މުދަލާއި، އާންމު ރައްޔިތުންނާއި، މަދަނީ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި، ކޯލިޝަންގެ ޖޮއިންޓް ފޯސަސް ކޮމާންޑުން ޒިންމާދާރުކަމާއެކު ރައްދު ދޭނެ ކަމަށްވެސް މާލިކީ ވިދާޅުވި އެވެ. އެގޮތުން ކޯލިޝަނުން އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ލިބިދޭ އަމިއްލަ ދިފާއުގެ ހައްގުގެ ބޭނުން ހިފައިގެން، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް މާލިކީ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *