ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގައި ހުންނަ ޝައިބާ ތެޔޮ ވަޅުގެ ސައުދީ އަރަމްކޯ ފެސިލިޓީއަކަށް ބުދަ ދުވަހުގެ ހެނދުނު ދިން ޑްރޯން ހަމަލާއެއްގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ދެ މީހަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެނާޖީން ހާމަކޮށްފި އެވެ.
މިނިސްޓްރީގެ ރަސްމީ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ތެޔޮ ވަޅުގެ ޕްރޮސެސިން ފެސިލިޓީއަކަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ސައުދީ އެއާ ޑިފެންސް ފޯސްއިން ވަނީ ހުއްޓުވާފަ އެވެ.
މި ހަމަލާގެ ސަބަބުން އެ ތަނުގައި މަސައްކަތްކުރާ ކޮންޓްރެކްޓަރެއްގެ އުޅަނދެއްގައި އަލިފާން ރޯވި ނަމަވެސް، އެ ފެސިލިޓީގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެ އެވެ.
މި ހަމަލާގައި މަރުވެފައިވަނީ ފިލިޕީންސް މީހަކާއި ނޭޕާލް މީހެއް ކަމަށާއި، އަދި އަނިޔާވެފައިވަނީ ޕާކިސްތާނު މީހަކަށާއި އިންޑިއާ މީހަކަށް ކަމަށް މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.




