އީރާނާއެކު "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ކުރެވިއްޖެ: ޓްރަމްޕް

އެމެރިކާ އާއި އީރާނާ ދެމެދު "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އޮފިޝަލުންނާއި އީރާނުގެ ލީޑަރުންނާ ދެމެދު ތިން ގަޑިއިރަށް ދެމިގެންދިޔަ "ވަރަށް ރަނގަޅު" ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"އެބޭފުޅުން ބޭއްވީ ވަރަށް ރަނގަޅު ބައްދަލުވުމެއް. ނަތީޖާ ނެރެވޭނެ ފަދަ ބައްދަލުވުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނާ އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ވިޓްކޯފް ވެސް ވަނީ އެއީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ޓްރަމްޕް ވަނީ ވަރަށް އަވަހަކަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފަ އެވެ.

ތަފުސީލު ހާމަނުކުރި ނަމަވެސް އީރާނަށް އޮތީ ދެ ގޮތުންކުރެ ގޮތެއް ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފަ އެވެ. މިއީ އެދުވަހުގެ ކުރީކޮޅު އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވެސް ޓްރަމްޕް ބޭނުންކުރެއްވި ބަސްމަގެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *