ގޭންގުތަކުގައި އުޅުނު ގިނަ ބަޔަކު ހެޔޮމަގަށް އައިސްފި: އިހްސާން

ގޭންގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ އެތައް ބަޔަަކު ވިޔާނުދާ އެ ދިރިއުޅުން ދޫކޮށް ހެޔޮމަގަށް އެނބުރި ރުޖޫއަވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން މިމައުލޫމާތު ހިއްސާކުރެއްވީ މިހާރު ކުރިއަށްދާ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅުންހުރި މައުލޫމާތު ކޮންގްރެސްގެ ބައިވެރިންނާ ހިއްސާކުރަމުންނެވެ.

އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގޭންގްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ހައްލުކުރަންޖެހިފައި ހުރި ކަމަށެވެ. އޭރުގައި ގޭންގުތަކުން ހިންގާ މާރާމާރީއާ ތަޅާފޮޅުން ވަރަށް ބޮޑަށް އިތުރުވެ މީހުން މެރުމުގެ އަމަލުތައްވެސް ހިންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

ގޭންގްތަކާ ގުޅޭ މައްސަލަ ހައްލުކުރީ ގާނޫނުތަކުގައި ހުރި ހުސްކަން ބަލައި އެފަދަ ގާނޫނުތައް އިސްލާހުކޮށްގެންނާއި ގޭންގްތަކުގައި އުޅޭ މީހުން އެކަމުން ދުރުވާން ފުރުސަތުތައް ދީގެން ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވި ފަހުން ވާނީ ގާނޫނީ ގޮތުން ގޭންގެއް ކަމަށް ކަނޑައެޅުމާއި، އެގޮތަށް އެއްވެސް ފަރާތަކަށް އޮޕަރޭޓް ނުކުރެވޭ ގޮތް ހަދާފައި. އެފަދަ ގްރޫޕްތަކާ ދެކޮޅަށް އަދި އެމީހުންނަށް ފައިސާ ހަރަދުކުރާ ފަރާތްތަކަށްވެސް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތްތައް ގާނޫނުގައި ހިމެނިން،" ސަރުކާރުން ކުރެއްވި މަސައްކަތްތައް ހިއްސާކުރައްވަމުން އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޭންގަތަކާ ގުޅިގެން ކުށްކުރުމުގައި އުޅެމުންދިޔަ ޒުވާނުން ހައްޔަރުކޮށް، ބޮޑެތި އަދަބުތައްދީ، ޖަލަށްލައި ހެދުމަކީ މުޅި މައްސަލައަށް އޮތް ހައްލެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ ގޭންގުތަކުގައި އުޅޭ މީހުން އެފަދަ ކުށްތަކާ ދުރުވެ، ވަޒީފާއެއް ހޯދުމަށާއި ވިޔަފާރީގައި ކުރިއަށް ދާން އެދޭ އެފަދަ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ އަޅުގަނޑުމެން އެ ހުރިހާ އެންމެން ޖަލަކަށް ލާކަށް ނުޖެހޭ. ހުރިހާ އެންމެން ވެސް ރަނގަޅު މަގުން ކުރިއަށް އެބަދޭ،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޭންގުތަކުގެ މައްސަަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ނަތީޖާއެއްގެ ގޮތުން މިވެރިކަމުގައި ގޭންގު މާރާމާރީގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. މީގެކުރިން 2007 އިން 2023ގެ ނިޔަލަށް ކޮންމެ އަހަރަކު ދެ މީހުންނާއި ފަސް މީހުންނާ ދޭތެރޭގެ އަދަދަކުން ގޭންގު މާރާމާރީގައި މީހުން މަރުވެފައިވާ ކަަމަށްވެސް އިހްސާން ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *