ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފި

އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުންނަމަ ވޭޕާއި އީ-ސިނގިރޭޓު އަތުލެވޭނީ ނުވަތަ ޖޫރިމަނާކުރެވޭނީ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމައެވެ.

މި ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އާންމު ތަނެއްގައި ވޭޕާއި އީ ސިނގިރޭޓު ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުސް އޮފިސަރަށް ލިބިދޭނެއެވެ.

 

އެހެންނަމަވެސް އެފަދައިން އަމަލު ކުރަންވާނީ:

– އެ އަމަލު ހުއްޓުވުމުގެ ބާރު ލިބިގެންވާކަން ހާމަކުރުމާ އެކު ގާނޫނާ ހިލާފަށް ކުރި ކަންތައް ބަޔާންކުރުން

– އީ-ސިނގިރޭޓެއް ނުވަތަ ވޭޕެއްކަން ކަށަވަރުކުރަން ފުލުސް އޮފިސަރާ ހަވާލުކުރަން އެންގުން

– ބުނުމުން ހަވާލުނުކޮށްފި ނަމަ އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން ވެސް އަތުލެވޭނެ

– ވޭޕެއް ނުވަތަ އީ-ސިނގިރޭޓެއްކަން ޔަގީންކުރެވުމުން އެއީ ގާނޫނާ ޚިލާފު އަމަލެއް ކަމާއި އެ އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިދާނެ ކަމާއި ޖޫރިމަނާ ކުރެވިދާނެކަން އެންގުން

– ގާނޫނުގައި ވާގޮތަށް ޖޫރިމަނާކޮށް، ލިޔުން ހަވާލުކުރުން

– ބޭނުންކުރި ނުވަތަ ގެންގުޅުނު އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީކަން އަންގައި، އެކަމުގެ ލިޔުން ހަވާލުކުރުން

އެ އިސްލާހުގައި ވާގޮތުން މި ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ގިނަވެގެން 45 ދުވަހުގެ ތެރޭގައި ނައްތާލަން ޖެހޭނެއެވެ.

ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރުން މިދިޔަ ޑިސެންބަރު 15 އިން ފެށިގެން ރާއްޖޭގައި ވަނީ އެއްކޮށް މަނާކޮށްފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އޮންނާނެ ކަމަށްވެސް ގާނޫނުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *