ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަ ސަރަހައްދުގައި ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނަން ހުންނަ އިޝްތިހާރު ކެމްޕޭނެއް ރަސްމީކޮށް ފަށައިފި އެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިވަގުތު ދުބާއީގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

މި ކެމްޕޭންގެ ދަށުން ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ކުރާނެ އެވެ.

މި އިޝްތިހާރުތަކުގައި ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއެކު ޕާޓްނާޝިޕެއް ހެދި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ލިވަޕޫލްގެ ކުޅުންތެރިންގެ ފޮޓޯ ބޭނުން ކުރާނެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)އާ ގުޅުވައިގެން ކުރިއަށް ގެންދާ މި ކެމްޕޭން ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ އޭޓީއެމް ނިމުނަސް އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ އެވެ.

"4600 އަށް ވުރެ ގިނަ އެގްޒިބިޓަރުން ޖަމާވާ ސަރަހައްދެއްގައި ރާއްޖޭގެ ބްރޭންޑިން އެކިއެކި 100 ޓެކްސީގައި ފެނިގެން ދިޔުމަކީ ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެ ކަމެއް. މިކަމުގެ ސަބަބުން ފެއާ ކުރިއަށްދާ ދުވަސްވަރު ގިނަބަ އެއްގެ ލޯތައް ރާއްޖެއަށް އަމާޒުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ އަޅުގަނޑުމެންގެ އަމާޒު،" ޝިއުރީ ވިދާޅުވި އެވެ.

މީގެކުރިންވެސް މި އަހަރުގެ މާޗް މަހުގައި ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށް ދިޔަ އައިޓީބީ ފެއާގެ ދުވަސްވަރު، އެގައުމުގެ 200 ޓެކްސީއެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *