މާޗް މަހު ތަކެތީގެ އަގުތައް ދަށަށް

ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މާޗް މަހު ދަށަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ފެބްރުއަރީ މަހާއި އަޅާބަލާއިރު މާޗް މަހު އިންފްލޭޝަން ރޭޓް ހުރީ 0.69 ޕަސެންޓް ދަށުގަ އެވެ.

ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.78 ޕަސެންޓް ދަށުގަ އެވެ.

ސީޕީއައި ރިޕޯޓަށް ބަލާއިރު އަގުތައް އެންމެ ބޮޑަށް ދަށަށް ދިޔައީ ކަރަންޓުގެ ހިދުމަތުންނެވެ.

ރޯދަ މަހުގެ ޑިސްކައުންޓާއެކު ކަރަންޓު ހިދުމަތުގެ އަގު 19.90 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ސީޕީއައި ރިޕޯޓުން ދައްކަ އެވެ.

އަގުތައް ދަށަށް ދިޔަ ބާވަތްތައް:
ކަރަންޓު – 19.90 ޕަސެންޓް
މޯބައިލް މުވާސަލާތީ ހިދުމަތް – 2.12 ޕަސެންޓް
ތަރުކާރީ – 0.80 ޕަސެންޓް
ކިރު، ޑެއިރީ އުފެއްދުން އަދި ބިސް – 0.42 ޕަސެންޓް
ސައިކަލު – 0.53 ޕަސެންޓް

ފާއިތުވި މާޗް މަހު އަގުތައް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ކަނޑުމަސް ހިމެނެ އެވެ.

މޭވާގެ އަގުތައް 6.05 ޕަސެންޓް އުފުލުނުއިރު ކަނޑުމަހުގެ އަގުތައް 0.95 ޕަސެންޓް އުފުލުނެވެ.

މީގެ އިތުރުން އަންނައުނުގެ އަގުތައް 1.23 ޕަސެންޓް ބޮޑުވި ކަމަށް ސީޕީއައި ރިޕޯޓްގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *