ނަފްސާނީ އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފި އެވެ.
ADS BY OOREDOO
މިމަޝްވާރަތަކުގައި އިއްޔެ އިސްކޮށް ހުންނެވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ. ފުލުހުންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އެވެ.
ފުލުހުން ބުނީ މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
"އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ،" ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ހެރިޓޭޖު މިނިސްޓްރީގެ ފަރާތުން ފުލުހުންެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މި ބައްދަލުވުމަކީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.




