ހިޔާވަހި ސްކީމަށް ހުށަހަޅަން އިތުރު ވަގުތު ދީފި

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކުރީ ކުރިއަށް އޮތް މެއި މަހުގެ 31 ވަނަ ދުވަހުގެ ނިއަލަށެވެ.

މި ސްކީމަށް ކުރިމަތިލުމަށް ސަރުކާރުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހު އެވެ. އެ ފުރުސަތު އޭރު ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހަޅާއިރު ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭއިރު އެއީ ވަގުތު ނަގާނެ ކަމެއް ކަމަށްވާތީ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ.

"އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" މުއްތަލިބް ވިދާޅުވި އެވެ.

ހިޔާވަހި ފައިނޭންސިންގއަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. އަދި މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނޭ ތިން ސްކީމަކީ ރަށްވެހި ފައިނޭންސިން ސްކީމް، ސަހަރު ފައިނޭންސިން ސްކީމް އަދި ފަހިމާލެ ފައިނޭންސިން ސްކީމެވެ.

އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިން ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާ، އާބަން ސެންޓަރތަކުން ސަހަރު ފައިނޭންސިން ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ތިން މިލިއަން ރުފިޔާ އަދި މާލެ ސަރަހައްދަށް ހާއްސަ ފަހިމާލެ ފައިނޭންސިން ސްކީމަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖައްސައިދެ އެވެ. އަދި މާލެ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދަންވެސް ހުށަހެޅުމުގެ ފުރުސަތު އޮތީ ދީފަ އެވެ.

ހިޔާވެހި ފައިނޭންސިން ސްކީމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް އެއް ބިލިޔަން ރުފިޔާ އިންވެސްޓްކުރި ނަމަވެސް ބޭންކުތަކުން ފައިނޭންސް ހަމަޖައްސާއިރު ޖުމްލަ ދެ ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

ބޯހިޔާވަހިކަން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *