ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިނގާލުން އިންތިޒާމު ކުރި ފަރާތުން މަސައްކަތް ކުރީ ރަސްފަންނު ސަރަހައްދުން ފަށައިގެބް މަޖީދީ މަގުން އިރަށްގޮސް އާޓިފިޝަލް ބީޗަށް ނިންމާލުމަށެވެ.
އެކަމަކު އެގޮތަށް ހިނގާލުން ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން ވަނީ ރަސްފަންނާ ދިމާލުން ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ސަރަޙައްދުގައި ބެރިކޭޑު ޖަހާފަ އެވެ.
އެހެންވެ މި ހިނގާލުން ފަހުން ކުރިއަށް ގެންދިޔައީ ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް އަމީނީ މަގުން ކުރިއަށް ގެންގޮސް އާޓިފިޝަލް ބީޗާ ދިމާލަށެވެ.
ހިނގާލުމުގެ ބައިވެރިން ވަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު މަސައްކަތްތެރިންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަށް ގޮވާލާފަ އެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.




