އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަކީ ފަޚުރުވެރި ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އިޒުރޭލުގެ ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން އަދި ރާއްޖޭގެ ތާރީޚުގައިވެސް ނިންމުނު ފަޚުރުވެރި ނިންމުމެއް ކަމަށެވެ. އިޒުރޭލުގެ ޕާސްޕޯޓް މަނާކުރީ ރާއްޖޭން އަބަދުވެސް ފަލަސްތީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެކަން ޔަގީންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި މުހިއްމު ނިންމުމެއް އެއީ [އިޒުރޭލު ޕާސްޕޯޓް މަނާކުރުން]. އަޅުގަނޑުމެންގެ ގައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 ޕަސަންޓް އިސްލާމީ ގައުމެއް އަޅުގަނޑުމެން އެކަމާ [ފަލަސްތީނުގެ ބިންތައް ފޭރި ފަލަސްތީން ރައްޔިތުން ޝަހީދުކުރުން] ދެކޮޅުކަން އަޅުގަނޑުމެން ހާމަކުރިން. އެހެންވިއްޔާ އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.
އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަކީ ނިންމުނު ފަޚުރުވެރި ނިންމެވުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު މީކާއިލް އިސްލާހު ހުށަހެޅުއްވުމުން އެ އިސްލާހުގެ ބިލް މަޖިލީހުގައި އެތައް ދުވަހަކު ބޭއްވުމަށްފަހު ކުރިމަތިވި ފާޑުކިޔުންތަކާ އެކު އިސްލާހު ފާސްކުރީ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހު އެވެ. އެ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީވެސް އޭޕްރީލް 15 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހުރިހާ ހާލަތެއްގައިވެސް ދިވެހި ގައުމާއި ދިވެހި ރައްޔިތުން އިސްކުރުމަށް ކަމަށެވެ. ދިވެހިންނާއި ރާއްޖެއަށް ފައިދާވާ ކަންކަމުގައި ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ ކުރިއަށް ނެރޭނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމުގައި ވިދާޅުވި އެވެ.
"މާނައަކީ މި ހަމައަށް ރެސްޕެކްޓް [އިހްތިރާމު] ކުރާނަމަ އަޅުގަނޑުމެންނާ ގުޅުން އޮންނާނެ ކޮންމެ ގައުމަކާވެސް. އަޅުގަނޑުމެންނަށް ތަފާތެއް ނޫނޭ އެއްވެސް ގައުމެއް އެ ގައުމަކީ އަޅުގަނޑުމެންގެ މަސްލަހަތަށް ރެސްޕެކްޓް ކުރާނަމަ އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާސަތަށާއި ޓެރިޓޯރަލް އިންޓަގްރިޓީއާއި މިހުރިހާ ކަމެއް، ހަމަ އެ ގައުމަށްވެސް އޮންނަ ފަދައިން އަޅުގަނޑުމެންނަށްވެސް އޮންނާނެ ކަން ގަބޫލުކުރާ ހުރިހާ ގައުމަކާ އަޅުގަނޑުމެން ގާތް ގުޅުން ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ގޮތުގައި ތަންފީޒު ކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައްޔިތުންނަށް ހުށަހެޅި ހާރިޖީ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތަށް ބަދަލެއް ނުގެނެސް އަމަލުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.




