ގަތަރުން ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ސެންޓަރެއް ގާއިމް ކުރަން ނިންމައިފި

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އުފެއްދުމަށް ނިންމައިފި އެވެ.

ދިވެހި ސަރުކާރުން ބުނީ މިއީ މާލޭގައި ގާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަހައްދެއް ކަމަށާއި މި ސަރަހައްދު ފަރުމާކޮށްފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މުސްތަގުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަހައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ގާއިމުކުރެވިގެންދާނެ އެވެ.

އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެ އެވެ. އެކަމަކު ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތްކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ އެވެ. މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސަށް އެހީތެރިވެދޭނެ އެވެ. އެކަމުގެ ސަބަބުން އެމްއައިއެފްސީއަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ދެކެ އެވެ.

މި މަޝްރޫއު އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އަދި ފަސްވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ އެވެ. މިކަމުގެ ސަބަބުން ރާއްޖެ ވެގެންދާނީ މުހިއްމު ބައްދަލުވުންތަކުގެ މަރުކަޒަކަށް ކަމަށާއި އޭރުން މިހާރުވެސް ކުރިއަރާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގްވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.

މިމަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްއައިއެފްސީއާއެކު އެކުލަވާލަނީ މާދަމާގެ ދިވެހިރާއްޖެ ކަމަށެވެ.

"އެއީ އާ އީޖާދުތަކުގެ ނަމޫނާއަކަށްވެ، ގައުމީ ފަޚުރުވެރިކަމުގެ ނިޝާނަކަށްވެ، ގުދުރަތާ އެއްހަމައެއްގައި ކުރިއަރައިގެންދާނެ ތަނެއް. މި ފައިނޭންޝަލް ސެންޓަރަކީ އިގްތިސާދީ ގޮތުން ވަރުގަދަކަމުގެ ނިޝާނަކަށްވެ، އަންނަން އޮތް އެތައް ޖީލުތަކަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ، އައު މިންގަނޑެއް ކަނޑައަޅައިދޭނެ ތަނަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށާއި ސަރުކާރުގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިގްތިސާދު ތަނަވަސް ކުރުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ،" ޒަމީރު ވިދާޅުވި އެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން ވިދާޅުވީ މާލީ މި މަރުކަޒުން އާ ބައިނަލްއަގްވާމީ މިންގަނޑެއް ކަނޑައަޅައި، މާލީ އާ އީޖާދުތައް މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ކުރިއަރުވާނެ ކަމަށެވެ.

"މިއީ ދުނިޔޭގެ އެހެން މާލީ މަރުކަޒުތަކުގައި ހިނގަމުން އަންނަ ކަންތައްތަކަށް ދެން އަންނާނެ ތަރައްގީ އާއި ކުރިއެރުން،" ނަދީމް ވިދާޅުވި އެވެ.

އެމްއައިއެފްސީގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހުންނާނެ އެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭން ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތައިންނެވެ. ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހައުލެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވަނީ ބިމުގެ އަޑީގައެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެ އެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، އެމްއައިއެފްސީގައި ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ސަގާފީ ތަންތަން ވެސް ހުންނާނެ އެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްގީގެ މި މަޝްރޫއު ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނާ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *