ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ މާލީ މަރުކަޒު — މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ ތިނެއްގައި ތަރައްގީކުރާ މި މަރުކަޒަކީ މިއީ ރާއްޖޭގައި އަޅާ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ބިންގާގެ ރަމްޒީ ޕްލާގު އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މާލީ މަރުކަޒަށް ހަރަދު ކުރާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން އީދް އަލް ޘާނީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްޠަފާ ވިދާޅުވީ މިމަޝްރޫއާ އެކު ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސް، ފަތުރުވެރިން އާ ހަރުފަތަކަށް ގެންދާނެ ކަމަށެވެ. މިއަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު މިއަދު ބިންގާ އެޅުނު މަޝްރޫއާ އެކު އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އައު ދޮރުތަކެއް ހުޅުވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމަށްވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް،" ސާއިދު ވިދާޅުވި އެވެ.
ގަތަރުގެ ޝާހީ އާއިލާއާ ގުޅިފައިވާ އެމްބީއެސް އިން 8.8 ބިލިއަން ޑޮލަރު ތަރައްގީކޮށްގެން ހަދާ މި މަރުކަޒު 2030 ވަނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.
މި މަޝްރޫއުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އަދި ފަސްވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ އެވެ. މިކަމުގެ ސަބަބުން ރާއްޖެ ވެގެންދާނީ މުހިއްމު ބައްދަލުވުންތަކުގެ މަރުކަޒަކަށް ކަމަށާއި އޭރުން މިހާރުވެސް ކުރިއަރާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގްވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.
އެމްއައިއެފްސީގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހުންނާނެ އެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭން ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތައިންނެވެ. ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހައުލެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވަނީ ބިމުގެ އަޑީގައެވެ.
މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެ އެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، އެމްއައިއެފްސީގައި ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ސަގާފީ ތަންތަން ވެސް ހުންނާނެ އެވެ.
ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްގީގެ މި މަޝްރޫއު ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނާ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.
މި މަޝްރޫއު ކުރިއަށް ގެންދާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.




