ރާއްޖެއަށް އެހީވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީގެ) ސަރުކާރުން ދީފި އެވެ.
ޔޫއޭއީގެ ސަރުކާރުގެ ފަރާތުން މިފަދަ ޔަގީންކަމެއް ދިނީ ޔޫއޭއީގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލަ ޝައިޚް އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރެއްވުމަށްފަހު އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)އާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
ޝައިހް އަބްދުﷲ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތަކަށް ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްގީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައިވެސް އެހީތެރިވުމަށް އަބްދުﷲ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި ތިއްބެވިކަން ދެ ބޭފުޅުންވެސް ވިދާޅުވެފަ އެވެ.




