ރާއްޖޭގެ ޑީޖީޕީ 8.88 ބިލިޔަނަށް އަރައިފި

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 8.88 ބިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.4 ޕަސަންޓުގެ ކުރިއެރުމެކެވެ. އެމްބީއެސްއިން މި ހަފުތާގައި ޝާއިޢުކޮށްފައިވާ މެއި މަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ހިއްސާ 24.1 ޕަސަންޓަށް އަރައެވެ.

 

ރިޕޯޓުގައި ދެ ވަނައަށް އެންމެ ބޮޑަށް ޖީޑީޕީއަށް ހިއްސާކޮށްފައިވާ ދާއިރާއަކީ ޓްރާންސްޕޯޓު އަދި މުއާސަލާތީ ދާއިރާކަމަށް ބުނެފައިވެއެވެ. މި ދާއިރާއިން ޖީޑީޕީއަށް ހިއްސާކޮށްފައިވަނީ 13.1 ޕަސަންޓެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ހިއްސާ 9.0 ޕަސަންޓަށް އަރާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެމްބީއެސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ ސަރުކާރުގެ އިދާރީ ކަންކަން ހިންގުމުގެ ދާއިރާއިންނާއި، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިންނެވެ.

 

އެމްބީއެސްއިން ބުނެފައިވާ ގޮތުގައި މަންތްލީ ޖީޑީޕީއަކީ ގައުމެއްގެ އިކޮނޮމީއަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މިންގަނޑެކެވެ. މި އިންޑިކޭޓަރތަކުން އިކޮނޮމީގައި ހިމެނޭ މައިގަނޑު އިންޑަސްޓްރީތަކާއި އިކޮނޮމީ ހަރަކާތްތަކަށް އަންނަ ބަދަލުތައް ދައްކުވައިދެއެވެ. އަދި ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިކޮނޮމީ މުހިންމު މަޢުލޫމާތު އަވަސް މިނެއްގައި މަންތްލީ ޖީޑީޕީ އިން ފޯރުކޮށްދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *