MAJLIS

ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރެއް ހުށަހަޅައިފި

ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މެންބަރު ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހިނގައިދިޔަ 15 އަހަރުގެ ތެރޭގައި 15 ފަހަރު އިސްލާހުކޮށްފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު 2020 ގެ ނަމުގައި 2020 ވަނަ އަހަރު އެކުލަވާލި ގާނޫނަށް އެ އަހަރު އަލުން އިސްލާހު ގެނެސްފައިވާ ކަމަށެވެ.

"ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ 4 އިންތިހާބެއް ބޭއްވި، އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ދިވެހި ރުފިޔާ ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން މި ނިޒާމުން ހަރަދުވެފަ،" ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދާމެދުވެސް އާންމުންގެ ކަންބޮޑުވުން ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

"ކުޑަ ރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށްވެސް މުނިސިޕަލް ހިދުމަތް ދިނުމަށް އިންތިހާބުކޮށް ދައުލަތުން މުސާރަދޭންޖެހޭ މަދުވެގެން 5 ކައުންސިލަރުން ތިބެންޖެހުން ފަދަ ކަންކަމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ ކަންތައްތަކެއް،" ގަރާރުގައިވެ އެވެ.

ގަރާރުގައި ވަނީ ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެންޖެހޭތޯ ސުވާލު އުފައްދާފަ އެވެ.

"އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަކީ ސިޓީން އެލަވެންސްއެއް ދޭ ބަޔަކަށް ބަދަލުކޮށްލެވިއްޖެނަމަ އެތައް ގުނައެއް ހަރަދު ކުޑަކުރެވިގެންދާނެ،" ޝުޖާއު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

މި ގަރާރު ހުށަހެޅުއްވީ މިކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށް ގަރާރުގައި ޝުޖާއު ބަޔާންކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *