އޯއައިސީ ހަރުދަނާކޮށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފި

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިތުރަށް ހަރުދަނާކޮށް މެމްބަރު ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ގޮވާލައްވައިފި އެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ދެއްވި ތަގުރީރުގައި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށް އަދި ސުލްހައާއި އިންސާފް ގާއިމްކުރުމަށް އޯއައިސީ ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޚަލީލް ވަނީ އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތު ކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަޤީންކަން މިނިސްޓަރު އެރުވި އެވެ.

ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއް ކަމަށް ވިދާޅުވެ މި މަގުސަދު ހާސިލްކުރުމަށް އޯއައިސީގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް މިނިސްޓަރު ޚަލީލް ވަނީ ގޮވާލައްވާފަ އެވެ.

ޚަލީލްގެ ތަގުރީރުގައި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކުރައްވާ އިޒްރޭލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *