ޝަރީއަތް ނިމެންދެން ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުން ތި ޓެގް އެޅުވުމަށްފަހު ދޫކޮށްލުމަށް ފެށި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 10 މީހަކު ދޫކޮށްލައިފި އެވެ.
ޓެގް އަޅުވާފައި މީހުން ޖަލުން ދޫކުރަން ފެށި ވާނުވާ ބަންދުގައި ތިބޭ މީހުން ހުކުމަކާ ނުލައި ޖަލުގައި ތިބެންޖެހޭ މުއްދަތު ދިގުލައިގެން ދިއުމާއި ޖަލުތަކުގައި ޖާގައިގެ މައްސަލަ ދިމާވާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.
ވާނުވާގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޖަލުން ދޫކޮށްލާ މީހުންގެ ފައިގައި އަޅުވާ ޓެގަކީ އެ މީހާގެ ހަރަކާތްތައް 24 ގަޑިއިރު މޮނިޓަކުރާ ޑިވައިސް އެކެވެ.




