ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއަށް ސޮއިކުރުމަށް ބާއްވާ ޖަލްސާ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން ބުނި ގޮތުގައި މި ޖަލްސާ އޮންނާނީ ހޯމަ ދުވަހުގެ ރޭ 9:00 ގައި ސަލްޓަން ޕާކްގަ އެވެ.
މި ޖަލްސާއަށް އެމްޑީޕީން ވަނީ އާންމުކޮށް ދައުވަތު އަރުވާފަ އެވެ.
ޑިމޮކްރެޓްސް ޕާޓީ އުވާލުމަށާއި ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމުމުން އެމްޑީޕީން ވަނީ މަރުހަބާ ކިޔާފަ އެވެ.
އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނިކޮށް އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކް ހަމަޖައްސައިދީފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވަނީ ވިދާޅުވެފަ އެވެ.




