މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖެއިން އެހީތެރިވާނަން: ރައީސް

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިރާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

އީރާނުގެ އައު ސަފީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ހިއްސާކުރުމާއި، ކުރިއަށް އޮތް ތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށްވެސް ދެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

ސަފީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފުކުރައްވައި، އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *