ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 ޕަސަންޓް ވޯޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ފިނިގޮތަކަށް ރައީސް މުއިއްޒަށް ހަމަލާއެއް ދެއްވާފަ އެވެ.
ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަލުން އާ ހިތްވަރަކާ އެކު ނިކުމެ އިންތިހާބުތައް ކާމިޔާބުކުރަންޖެހޭ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ޕާޓީ — ޕީއެންސީ ލިބޭނީ 20 ޕަސަންޓް ވޯޓު ކަމަށެވެ.
"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، މަނިކުފާނަށް 20 ޕަސެންޓު،" ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ލޯނަށް ދައްކަންޖެހޭ އަދަދުތައް ބޮޑެތި ވަމުންދާތީ ރާއްޖެ އޮތީ ނުބައި ހާލަތެއްގައި ކަމަށެވެ. މި ހާލަތު ރަނގަޅު ކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށްވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. ދިވެހި ދައުލަތުގެ ދަރަނި. ދިވެހި ސަރުކާރުގެ ދަރަނި. އެހެންވީމާ އަޅުގަނޑަށް ދަރާފައި އޮތް ދަރަނި، ސަރުކާރުން އަހަންނަށް ދޭން އޮތް އެތި، އަހަންނަށް ދަރާފައި އޮތް ދަރަނި. ދައުލަތުގެ ދަރަނި މިހާރު ހުރީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓުގައި،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭނެ ޕާޓީ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ފައިސާ ދައްކާނޭ ގޮތް. އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކުރަން އޮތީ ކޮން ކަމެއްކަންވެސް،" ނަޝީދު ވިދާޅުވި އެވެ.




