ނަޝީދަށް މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާއަށް އިބޫ ވަޑައިނުގެންނެވި

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަަޑައިނުގެންނެވި އެވެ.

ރައީސް ސޯލިހް މިރޭގެ ޖަލްސާއަށް ވަޑައިނުގެންނެވި ނަމަވެސް އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިރޭގެ ޖަލްސާއަށް ވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިނުގެންނެވި ވަކި ސަބަބެއް އެމްޑީޕީންވެސް ރައީސް ސޯލިހްވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީން ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ރައީސް ސޯލިހް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުން އެކަން ރޭ ހާމަކުރެއްވި އެވެ.

ރައީސް ނަޝީދުވެސް ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އަރިސް ބައެއް ބޭފުޅުންނާ އެކު އެކަމާ ގުޅޭ މަސައްކަތްތައް ކުރައްވަމުންނެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދެއްކެވިއިރު އެމްޑީޕީގެ އިސް ބޭފުޅުން ކަމުގައިވާ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ނަން ވިދާޅުވިއިރު ރައީސް ސޯލިހް ނަން ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުރިން އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމާ އެކު ދެ ބޭފުޅުންގެ ގުޅުން ވަނީ ކެނޑިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *