ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފެށުމަށް ނިންމައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ގާނޫނީ ވަކީލު ގާލިބު ސަލީމް އެވެ. މައްސަލަ ބަލައިގަތްކަމުގެ ލިޔުން ކޯޓުން ވަކީލު ގާލިބަށް ރައްދުކުރީ މިއަދުގެ ވަގުތެއްގައެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ނުދެއްކެވި ކަމަށް ބުނެ އެވެ.
ސިނާނާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ސިނާން ވަނީ ދަރަނި ދައްކާފަ އެވެ. އެކަމަކު ގާނޫނު އަސާސީގައި ބުނެފައިވަނީ ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މާދަމާ މިމައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ހިމެނޭ ފަނޑިޔާރުންނަކީ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. މުހައްމަދު އިބްރާހީމާއި އަލީ ރަޝީދު ހުސައިނާއި މުހައްމަދު ސަލީމުގެ އިތުރުން ހުސައިން ޝަހީދު އެވެ.
ސިނާންގެ ގޮނޑީގެ މައްސަލައަކީ ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.




