ރަށްވެހި ފައިނޭންސިން ސްކީމަށް 1،300 އަށް ވުރެ ގިނަ އެޕްލިކޭޝަން

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނޭ ރަށްވެހި ފައިނޭންސިން ސްކީމުގެ ލޯނަށް 1،300 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިމައުލޫމާތު މިއަދު ހާމަކުރެއްވީ ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނޭ ސްކީމްތަކަށް ލޯނު ދޫކުރުމަށްޓަކައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ބީއެމްއެލް އިސްލާމިކާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ސްކީމުތަކުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ރަށްވެހި ފައިނޭންސިން ސްކީމަށް 1،329 އެޕްލިކޭޝަނާއި ސަހަރު ފައިނޭންސިން ސްކީމަށް 586 އެޕްލިކޭޝަންގެ އިތުރުން ފަހިމާލެ ފައިނޭންސިން ސްކީމަށް 341 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަށް ބީއެމްއެލްއަށް އެޕްލިކޭޝަންތައް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ޖުލައި މަސްތެރޭގައި [ލޯން] ދޫކުރެވޭނެ ކަމަށް ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެކަމަކު ވީހާވެސް އަވަހަށް މި ލޯނުތައް ދޫކުރުމަކީ ބީއެމްއެލްގެ އަދި އަޅުގަނޑުމެންގެވެސް އަމާޒެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށްޓަވާނޭކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ނިމިދިޔަ އަހަރުގެ މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް" އިފްތިތާހް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާވަހި ފައިނޭންސިން އަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިން އެވެ. އަދި މިއީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން ފަސް ޕަސަންޓް ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނޭ ތިން ސްކީމަކީ ރަށްވެހި ފައިނޭންސިން ސްކީމް، ސަހަރު ފައިނޭންސިން ސްކީމް އަދި ފަހިމާލެ ފައިނޭންސިން ސްކީމެވެ.

އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިން ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާ، އާބަން ސެންޓަރުތަކުން ސަހަރު ފައިނޭންސިން ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ތިން މިލިއަން ރުފިޔާ އަދި މާލެ ސަރަހައްދަށް ހާއްސަ ފަހިމާލެ ފައިނޭންސިން ސްކީމަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖައްސައިދެ އެވެ. އަދި މާލެ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދަންވެސް ހުށަހެޅުމުގެ ފުރުސަތު އޮތީ ދީފަ އެވެ.

ހިޔާވެހި ފައިނޭންސިން ސްކީމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް އެއް ބިލިއަން ރުފިޔާ އިންވެސްޓްކުރި ނަމަވެސް ބޭންކުތަކުން ފައިނޭންސް ހަމަޖައްސާއިރު ޖުމްލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *