ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މިހާރު ބެއިޖިންގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ބޯޑު އޮފް ގަވަނަރުންގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ސީޑީބީއަކީ ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާ ފަދަ ރާއްޖޭގެ އިގުތިސޯދާއި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެއްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ބައްދަލުވުމަކީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބު އާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އާއި ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު އާއި ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު އަދި ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމް ބައިވެރިވި އެވެ.
ސީޑީބީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އިންޓަނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަން އާއި ސެކަންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ލީ ޔުންޒީ އާއި އިންޓަނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޖިއާންގ ކެޓާއޯ އަދި އިންޓަނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ސެކަންޑް ކްރެޑިޓް މެނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރު ހޯ މެންގްރުއި އެވެ.




