މާލީ ކޮންފަރެންސަކަށް ނައިބް ރައީސް ސްޕެއިނަށް

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފްއެފްޑީ)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.

މި ކޮންފަރަންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އިން ކުރިއަށް އޮތް ޖުލައި ތިންވަނަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސެވިލް ގައެވެ.

އެ މަނިކުފާނު މި ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވާނެ އެވެ.

ރައީސް އޮފީހުން ބުނީ މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށެވެ. މިފަދަ މަންސަތަކުގައި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލްކަން ކަށަވަރުކުރުމުގެ މައްޗަށްވެސް ނައިބް ރައީސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައިވެސް ނައިބް ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެފްއެފްޑީ އަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާއަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މަންސަ އެކެވެ. ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ތިންވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް ކުރިއަށް ގެންދިޔައީ 2015 ވަނަ އަހަރު އިތިއޯޕިއާގެ އަޑިސް އަބަބާ ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *