ތުރުކީގެ ވަފްދެއް ރައީސްގެ އަރިހަށް

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ތުރުކީ-ދިވެހިރާއްޖެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.

ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ވަފްދުގެ ބޭފުޅުން ރައީސް މުއިއްޒާ ބައްދަލުކުރެއްވީ އެމަނިކުފާނު މިއަދު ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުހަބާ ދަންނަވައި، ދިވެހިރާއްޖޭގެ ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް ދައުވަތު ދެއްވާފަ އެވެ. އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފް ކުރައްވާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ރާއްޖެއިންވެސް ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިއްމު މަސައްކަތްތަކުގެ ތަފްސީލް ވެސް ހިއްސާކުރެއްވި އެވެ. އެގޮތުން އިގްތިސާދީ އިސްލާހީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފަ އެވެ.

ތުރުކީ ވަފްދުގެ ބޭފުޅުންގެ ވާހަކަތަކުގައި މަތީ ތައުލީމާއި، ފަތުރުވެރިކަމާއި އަދި ދަނޑުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. ރާއްޖެއަކީ އުޚުއްވަތްތެރި، މުސްލިމު ގައުމަކަށްވުމާއެކު ރާއްޖެއާއެކު ގާތްގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *