ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވީ މުޅި މަޝްރޫއުގެ 88.7 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ޕަސެންޖާ ޓާމިނަލްގެ 83 ޕަސެންޓް ނިމިފައިވާއިރު އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެނގަރު އަދި ކާގޯ ބިލްޑިން މަސައްކަތުގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
މީގެ އިތުރުން އެއާޕޯޓްގެ ރަންވޭގެ ހުރިހާ މަސައްކަތް ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.




