ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާންމުންގެ ތެރެއިން އިންނަވާ މެންބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ކުރިމަތިލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންގެ ނަންތައް އިއްވާފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން
އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ
އަހުމަދު އަލީ، ހުޅުމާލެ، ފްލެޓް 01-ޖީ-108
އަލީ އާމިރު، މއ. ޕެންޒީވިލާ
އިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ
އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ
ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު 1325
ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބި
އަލީ މުޙައްމަދުމަނިކު، ދަފްތަރު ނަންބަރު ރ.ސ. 1851
ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރުގެ ގޮތުގައި މިހާރު އިންނެވީ ޑރ. އާމިނަތު އުއްމުކުލްސޫމް އެވެ.
ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު އާންމުންގެ ތެރެއިން އިންނަވާ މެމްބަރު އެ މަގާމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އުފެއްދި ފަހުން އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް އަދި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.




