ސައީދަށް އިތުރު ދައުވާއެއް

ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އަނެއްކާވެސް އިތުރު ދައުވާއެއް އުފުލައިފި އެވެ.

ދައުލަތުން ސައީދުގެ މައްޗަށް މިފަހަރު ކުރާ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، ފެނަކައަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކޮށްފައިވާ ދައުވާ އެކެވެ.

މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކުރި އައިސްޕްލާންޓު ފެނަކައަށް ގަނެފައިވާ މައްސަލަ އޭސީސީ އިން ތަހުގީިިގުކޮށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުނީ މިދިޔަ އޭޕްރީލް 13 ވަނަ ދުވަހު އެވެ.

ސައީދަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެކުރިން އެހެން މައްސަލައެއްގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެއީ ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *